'ބޭބީ' މިބަހަކީ، ދިވެހިބަހެއްތޯ ނުވަތަ ބޭރުބަހެއްތޯ ތުއްތުކުދިންނަށް ވަކިކުރަން ދަތިވާކަމީ ޢާއްމުކޮށް ދެކެވޭވާހަކަ ތަކުގެ ތެރޭގައި ހިމެނޭ އެންމެން ދަންނަ ހަޤީޤަތެކެވެ. މިހާރުގެ ތުއްތުކުދިންގެ ވާހަކަދެއްކުން އަޑުއަހާލާއިރު މިފަދަ ކަންކަން ފާހަގަ ކުރެވުމަކީ ވަރަށް ޢާއްމުކަމެކެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ މިއުމުރުގެ ކުއްޖެއްގެ ގާތުގައި 'ބޭބީ' އަށް ދިވެހިން ކިޔާނީ ކީކޭތޯ އަހާލާފިނަމަ އެކުދިންގެ ތެރެއިން އޭގެ މާނައަކީ 'ކުޑަކުއްޖާ' މިބަސް ކަން އެގޭނީ އަތުން ގުނާލެވޭ މިންވަރުގެ އަދަދުގެ ކުދިންނަށޭ ބުންޏަސް މުޅިއެކުން ދޮގަކަށް ނުވާނެއެވެ. ދީބުގެ ތުއްތުކުދިން ވާހަކަ ދައްކާއިރު ދިވެހި ބަސްބޭނުންކުރާ މިންވަރު މަދުކަން ނުވަތަ އެކުދިންގެ ޢާއްމު ދިވެހިބަސްކޮށާރު ފަގީރުކަން/ދަށްކަން ޢިލުމީ ދިރާސާއަކުންފެންނަން ނެތްކަމުގައިވިޔަސް ޢާއްމުދިރިއުޅުމުގައި ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. މިދިރާސާގެ މައިގަޑު މަޤްޞަދަކީ ފުރަތަމަ މަރުހަލާގެ ދަރިވަރުންގެ (ތުއްތުކުދިން) ދިވެހި ބަސްކޮށާރު ހުރި މިންވަރު ދެނެގަތުމާއެކު އެކުދިންގެ ކިބައިގައި ދިވެހިބަސް ބޭނުންކުރުމުގެ ގާބިލުކަން އިތުރުން ކުރެވޭނީ ކިހިނެއްތޯ ބެލުމެވެ. މިދިރާސާގެ މައިގަޑު ސުވާލަކީ ދިވެހި ތުއްތުކުދިންގެ ދިވެހިބަހުގެ ބަސްކޮށާރު މުއްސަދިކޮށް ދިވެހިބަހުގެ ޤާބިލުކަން އިތުރުކުރާނީ ކިހިނެއް؟ މިސުވާލުގެ ތެރެއިން ވަކިކޮށްލެވޭ ތިން ސުވާލެއް ތިރީގައި އެވަނީއެވެ.