ފިލާވަޅު 1
ފިލާވަޅު 1
ޢަރަބި ބަހުގެ ފިލިތަކާއި ފިލިޖެހިފައިވާ ޙާލަތްތައް.
އިބިފިލި كَسْرَةٌ ( ِ ) އަބަފިލި فَتْحَةٌ ( َ )
އުބުފިލި ضَمَّةٌ ( ُ ) ސުކުން سُكُوْن ( ْ )
ތަންވީނު تَنْوِيْن ( ٌ ً ٍ)
ކަލިމައިގެ ފަހަތު އަކުރުގައި އުބުފިލި ޖެހިފައި އޮންނަ ޙާލަތަށް ކިޔަނީ مَرْفُوعٌ (މިސާލު : البَيْتُ)
ކަލިމައިގެ ފަހަތު އަކުރުގައި އަބަފިލި ޖެހިފައި އޮންނަ ޙާލަތަށް ކިޔަނީ مَنْصُوبٌ (މިސާލު : البَيْتَ)
ކަލިމައިގެ ފަހަތު އަކުރުގައި އިބިފިލި ޖެހިފައި އޮންނަ ޙާލަތަށް ކިޔަނީ مَجْرُورٌ (މިސާލު : البَيْتِ)
ކަލިމައިގެ ފަހަތު އަކުރުގައި ސުކުން ޖެހިފައި އޮންނަ ޙާލަތަށް ކިޔަނީ مَجْزُومٌ (މިސާލު : اِذْهَبْ)
ކަލިމައިގެ ފަހަތު އަކުރުގައި ތަންވީނު ނިސްބަތްވާނީ އޭގެ އަޞްލު ފިއްޔަށެވެ. (މިސާލު : بَيْتٌ ، بَيْتًا ، بَيْتٍ)
هَذَا:
މި: ކައިރީގައިވާ (قَرِيْبٌ)، ފިރިހެން ޖިންސުގެ (مُذَكَّرٌ)، ބުއްދި ހުންނަ (عَاقِلٌ)، އަދި ބުއްދި ނުހުންނަ (غَيْرُ عَاقِلٍ)، އެކައްޗަށް (مُفْرَدٌ)، އިޝާރާތްކުރުމަށް ބޭނުންކުރާ ނަމެކެވެ (اِسْمُ إِشَارَةٍ ).
މިސާލު: هَذَا بَيْتٌ
މިއީ ގެއެކެވެ.
ذَلِكَ:
އެ: ދުރުގައިވާ (بَعِيْدٌ)، ފިރިހެން ޖިންސުގެ (مُذَكَّرٌ)، ބުއްދި ހުންނަ (عَاقِلٌ)، އަދި ބުއްދި ނުހުންނަ (غَيْرُ عَاقِلٍ)، އެކައްޗަށް (مُفْرَدٌ)، އިޝާރާތްކުރުމަށް ބޭނުންކުރާ ނަމެކެވެ (اِسْمُ إِشَارَةٍ).
މިސާލު: ذَلِكَ مَسْجِدٌ
އެއީ މިސްކިތެކެވެ.
مَا:
ކޮން އެއްޗެއް: ބުއްދިނެތް އެއްޗަކާމެދު ސުވާލުކުރަން ބޭނުންކުރާ ނަމެކެވެ.
مَا هَذَا؟:
މިއީ ކޮން އެއްޗެއް؟ : ކައިރީގައިވާ ބުއްދިނެތް އެއްޗަކާމެދު ކުރެވޭ ސުވާލެކެވެ.
މިސާލު: مَا هَذَا؟ هَذَا قَلَمٌ
މިއީ ކޮންއެއްޗެއް؟ މިއީ ގަލަމެކެވެ.
أَ: ސުވާލު ކުރުމަށްބޭނުންކުރާ ހަމްޒާއަކީ، އަކުރެކެވެ (حَرْفٌ). އޭގެ ޖަވާބަކީ "އާނ" (نَعَمْ) ނުވަތަ "ނޫން" (لَا) އެވެ.
މިސާލު: أَ هَذَا كِتَابٌ؟ لَا، هَذَا قَلَمٌ
މިއީ ފޮތެއްތަ؟ ނޫން، މިއީ ގަލަމެކެވެ.
مَنْ:
ކާކު: ބުއްދި ހުންނަ މަޚްލޫޤުންނާއިމެދު (މަލާއިކަތުން، އިންސާނުން، ޖިންނީން) ސުވާލުކުރަން ބޭނުންކުރާ ނަމެކެވެ.
މިސާލު: مَنْ هَذَا؟ هَذَا مُدَرِّسٌ
މިއީ ކާކު؟ މިއީ ޓީޗަރެކެވެ.