❃ އަވަހަށް ކިޔުމަކީ ކިޔުމުގެ ހުނަރު އިތުރުކޮށް ކިޔާ ތަކެތި ރަނގަޅަށް ދޭހަވުމަށް އެހީވެދޭ ކަމެކެވެ.

ކިޔާ ކޮންމެ އެއްޗެއްވެސް އަވަހަށް ކިޔުމަކީ އެ އެއްޗެއް ރަނގަޅަށް ވިސްނި ދޭހަވުން އިތުރު ކޮށްދޭ ކަމެކެވެ. ސިކުނޑީގެ ހަނދާނުގެ މަރުކަޒާ ބެހޭ ދިރާސާތައް ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި އަވަހަށް ކިޔުމަކީ ކިޔާތަކެތި ހަނދާނުގައި ހަރުލެއްވުމަށް އެހީތެރިވެދޭ ކަމެކެވެ. ވޭތުވެދިޔަ ޒަމާން ތަކުގައި ހިގާފައިވާ ޙާދިޘާތަކުގެ އެންމެ ހިމުން ތަފްސީލްތައް މީހުންގެ ސިކުނޑީގައި ހަރުލާފައި ހުރެއެވެ. މިކަމުން އެނގެނީ އަހަރުމެންގެ ސިކުނޑީގައި ގިނަދުވަސް ތަކެއް ވަންދެން މަޢުލޫމާތު ރައްކާކުރެވޭ ކަމެވެ. ސިކުނޑީގެ މަސައްކަތްތަކާ ބެހޭ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ސިކުނޑީގެ ތަމްރީންތައް ހެދިވަރަކަށް ހަނދާން ގަދަވާނެއެވެ. އަދި އޭގެ ސައިޒުވެސް ބޮޑުވާނެއެވެ. އެއީ ކުޅިވަރާއި ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ބާރުގަދަވެ ބޮޑުވާ ފަދައިންނެވެ.

މީގެ ކުރިން ދުވަހަކުވެސް ދަސްކުރަން ނުޖެހޭހާ ގިނަ ތަކެތި މިއަދު މިވަނީ ދަސްކުރަން ޖެހިފައެވެ. އެހެންކަމުން އަވަހަށް ކިޔައި އަވަހަށް ދޭހަ ކުރުމުގެ މުހިންމުކަން މިއަދު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސިކުނޑިއަށް ބާރުބޮޑު ކުރުމަކާ ނުލައި ކިޔާތަކެތި ހަނދާނުގައި ހަރުލެއްވޭވަރަށް، ކިޔުމުގެ ޤުދުރަތީ ހުނަރު އަވަހަށް ކިޔައިގެން ތަރައްޤީ ކުރެވިދާނެއެވެ. މިހުނަރު ތަރައްޤީ ކުރުމަށްޓަކައި ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދޭށެވެ.

(1) ހަނދާން ކުރުން: އަވަހަށް ކިޔުމުގެ ފުރަތަމަ އަސާސް

ޢިލްމީ ޙަޤީޤަތްތަކުން އެނގޭ ގޮތުގައި ކިޔާ ތަކެތި ހަނދާން ކުރުމަކީ ނުވަތަ ކުރިޔަށް އޮތް ބަޔާމެދު ވިސްނައިގެން ހަލުވިކޮށް ކިޔުމަކީ ހީނުކުރާ ވަރަށް ވިސްނުން ހަލުވިކޮށްދޭ ކަމެކެވެ.

(2) ކިޔުމުގެ ނުރަނގަޅު 3 އާދައިން ދުރުހެލިވުން:

ހަލުވިކޮށް ކިޔުމުގެ ކުރިން 3 ކަމަކުން ދުރުހެލިވާން ޖެހެއެވެ.

ހ. ކިރިޔާ އަޑު ނުކުންނަވަރަށް ކިޔުން.

ށ. ބަސްތައް އެކުނުލަވާ ކިޔުން.

ނ. ކޮށަކޮށައިގެން ކިޔުން.

މި އާދަތަކާއެކު ކިޔަމުން ދާނަމަ ދަސްކުރަން ބޭނުންވާ އެއްޗެއްގެ ވަށައިގެން އެބުރެވޭނީއެވެ. އެ އެއްޗާއި ހަމައަށް ސިކުނޑި ވާޞިލެއް ނުވާނެއެވެ. އަދި މިއާދަތައް ހަރުލާފައި ވާނަމަ އަވަހަށް ކިޔުމަކީ ނުވާނެ ކަމެކެވެ.

❃ އަވަހަށް ކިޔާނީ ކިހިނެއް؟

1. އެއްވާހަކައެއްގެ މައްޗަށް ލިޔެފައިވާ ކުދިކުދި ޢިބާރާތް ކިޔާށެވެ.

2. ކިޔަމުން ދާ އެއްޗަށް ސަމާލުވެ ވިސްނައިގެން އިނުމަށް މަސައްކަތް ކުރާށެވެ.

3. ކިޔަމުންދާއިރު އެ އެއްޗަށް ސަމާލުވެ އިނުމަށް ސިކުނޑިއަށް ބާރުއަޅާށެވެ.

4. އެއްޗެއް ކިޔާ ނިމުމަށްފަހު އޭގެ ކުރު ޚުލާޞާއެއް ލިޔާށެވެ.

5. ކިޔާފައިވާ ބައި މުރާޖަޢާ ކުރާށެވެ.

6. މިތަމްރީނުތައް ހެދުމުގައި ދުވަސް ތަކެއް ވަންދެން ކުރިޔަށް ދާށެވެ. ލިބެމުންދާ ކުރިއެރުން ފާހަގަ ކުރެވޭނެއެވެ.

❃ ކިޔުމުގެ ހުނަރުތަކަށް ރައްކާތެރިވަމުން ކިޔަމުންދާ އެއްޗަށް ސަމާލުކަން ދޭށެވެ.

މިގޮތުން ތިރީގައިވާ ފަސް ނުކުތާގެ މައްޗަށް ޢަމަލުކޮށްގެން ކިޔުމުގެ ހުނަރު އިތުރު ކުރެވިދާނެއެވެ. ކިޔާ ތަކެތި ދިގު މުއްދަތަކަށް ހަނދާނުގައި ހަރުލެއްވުމަށްޓަކައި މިއީ ވަރަށް ކާމިޔާބު ގޮތެކެވެ. އެއްޗެއް ކިޔާ ނިންމާލުމަށްފަހު މި 5 ސުވާލު އަމިއްލަ ނަފްސާ ކުރާށެވެ.

1. ކިޔުނީ ކޮން އެއްޗެއް؟ މީގައި ވާހަކަދެކެވިފައިވަނީ ކޮން ކަމަކާ މެދު؟

2. މީގައިވާ މުހިންމު މަޢުލޫމާތު ތަކަކީ ކޮބާ؟

3. ލިޔުންތެރިޔާ ހުށަހަޅާފައިވާ ޚިޔާލުތަކަކީ ކޮބާ؟

4. އެންމެ ފާހަގަ ކުރެވޭ ޕޮއިންޓްތަކަކީ ކޮބާ؟

5. އެހެން ލިޔުންތަކާ ހުރި ތަފާތަކީ ކޮބާ؟

ކޮންމެ އެއްޗެއްވެސް ކިޔުމަށްފަހު އެކިޔުނު އެއްޗަކާ މެދު މިގޮތަށް ވިސްނާލާށެވެ. މިސުވާލުތަކުގެ ސަބަބުން، ލިބުނު މަޢުލޫމާތުތައް ތަރުތީބުން ސިކުނޑީގައި ހަރުލާނެއެވެ. އެއްޗެއް ކިޔާ ނިމުމަށްފަހު އެ އެއްޗެއް ހަނދާނުގައި ހަރުލެއްވުމަށްޓަކައި، އެއާ ބެހޭގޮތުން އަމިއްލަ ނަފްސާ ސުވާލު ކުރުމަކީ ވަރަށް ފައިދާ ހުރި ކަމެކެވެ.

✽ މިއީ ލަޠީފާ ޤާޞިމް ދަރުމަ މަޖައްލާގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ބައެކެވެ.